ޢީދުނަމާދުކުރުން މޮޅުއިތުރުވެގެންވާ ތަން

ޝާއިޢުކޮށްފައިވަނީ 2013 ޖުލައި 30 ވަނަ ދުވަހު 4:10 ގައި

ސުވާލު: ޢީދުނަމާދުކުރުން މޮޅުއިތުރު ވެގެންވަނީ މިސްކިތުގަތޯއެވެ؟ ނުވަތަ ހުސްބިމެއްގައިތޯއެވެ؟

ޖަވާބު: الحَمْدُ لِلَّه وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ اللهِ  وَبَعدُ:  މިސްކިތުގައި ޢީދު ނަމާދުކުރުމަކީ ހުއްދަކަމެކެވެ. އެހެން ނަމަވެސް މޮޅު އިތުރުވެގެންވަނީ رسول الله صلى الله عليه وسلم  ޢީދުނަމާދުކުރެއްވި ގޮތަށް ހުސްބިމެއް، ޞަހަރާއެއް ނުވަތަ މައިދާނެއްފަދަ ތަނެއްގައި ކުރުމެވެ. އެއީ އަންނަނިވި ސަބަބުތަކާއި ހެދިއެވެ.

 

  • ޢާންމުގޮތެއްގައި ހުސްބިމެއްގައި ޢީދުނަމާދުކުރެއްވި ކަމަށް  رسول الله صلى الله عليه وسلم  ގެ ސުންނަތުން ސާބިތުވާން އޮތުން. މިކަމަށް ދަލީލު ކޮއްދޭ ދަލީލުތަކުގެ ތެރޭގައި އަންނަނިވި ޙަދީޘް ހިމެނެއެވެ. عَنْ أَبِي سَعِيدٍ الخدري رضي الله عنه قَالَ: كَانَ رَسُولُ اَللَّهِ صلى الله عليه وسلم  يَخْرُجُ يَوْمَ اَلْفِطْرِ وَالْأَضْحَى إِلَى اَلْمُصَلَّى، وَأَوَّلُ شَيْءٍ يَبْدَأُ بِهِ اَلصَّلَاة، ثُمَّ يَنْصَرِفُ فَيَقُومُ مُقَابِلَ اَلنَّاسِ -وَالنَّاسُ عَلَى صُفُوفِهِمْ- فَيَعِظُهُمْ وَيَأْمُرُهُمْ … (مُتَّفَقٌ عَلَيْهِ) މާނައި: ” أَبو سَعِيد الخدري رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. فِطْر ޢީދު ދުވަހާއި أَضْحَى ޢީދުދުވަހު رسول الله صلى الله عليه وسلم ނަމާދުކުރާ ހުސްބިމަށް ނުކުމެވަޑައި ގަންނަވާ ކަމުގައި ވިއެވެ. އެންމެފުރަތަމަވެސް ކުރައްވާ ކަމަކީ ނަމާދުކުރެއްވުމެވެ. އޭގެފަހުގައި މީސްތަކުންގެ ކުރިމައްޗަށް ވަޑައިގެން މީސްތަކުން ސަފުތަކުގައި ތއްބަވަނިކޮށް އެބައިމީހުންނަށް ނަސޭހަތް ދެއްވާ އަމުރުކޮށް ހައްދަވައެވެ.”
  • رسول الله صلى الله عليه وسلم ގެ މިސްކިތް ކޮޅު “المسجد النبوي” ގެ މަތިވެރިކަމާއި މާތްކަމާއި އެކުވެސް އިތުރު އެކަލޭގެފާނާއި އަޞްޙާބުބޭކަލުން މިސްކިތްކޮޅު ދޫކުރައްވާ ހުސްބިމަކަށް ނުކުމެ ވަޑައިގެން ޢީދުނަމާދުކުރެއްވުން. “المسجد النبوي” ގެ މާތްކަމާއި ބެހޭގޮތުން رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. صَلاَةٌ فِى مَسْجِدِى هَذَا أَفْضَلُ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ الْمَسْجِدَ الْحَرَامَ (مُتَّفَقٌ عَلَيْهِ) މާނައީ: “މިމިސްކިތް ކޮޅު (المسجد النبوي) ގައި ކުރާ ނަމާދު المَسْجِد الْحَرَام ފިޔަވައި އެހެން މިސްކިތެއްގައި ކުރާ އެއްހާސް ނަމާދަށްވުރެ މާތްވެގެންވެއެވެ.”
  • ހުސްބިމެއްގައި ޢީދުނަމާދުކުރުން ސުންނަތުން ސާބިތުވާއިރު އެކަން ކުރުމުގައި ސުންނަތެއް ދިރުވުން ހިމެނިގެންވުން. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.  مَنْ أَحْيَا سُنَّةً مِنْ سُنَّتِي قَدْ أُمِيْتَتْ بَعْدِي فَإِنَّ لَهُ مِنَ الأَجْرِ مِثْلَ مَنْ عَمِلَ بِهَا مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِم شَيْئاً  )أخرجه الترمذي وهو حديث حسن لشواهده .) މާނައީ: “ތިމަންކަލޭގެފާނަށްފަހު ތިމަންކަލޭގެފާނުގެ ސުންނަތް ތަކުގެ ތެރެއިން ނެތިގޮސްފައިވާ ސުންނަތެއް ދިރުވައިފި މީހަކު ދަންނާށެވެ! ފަހެ އެމީހަކަށް، އެސުންނަތަށް ޢަމަލުކުރާ މީހުންނެކޭ އެއްފަދައިން ދަރުމަލިބޭނެއެވެ. އެއީ ޢަމަލުކުރާ މީހުންގެ ދަރުމައިން އެއްވެސް އެއްޗެއް އުނިވުމަކާ ނުލައެވެ.”
  • ޢީދު ނަމާދުހުސްބިމެއްގައި ކުރުން ސުންނަތްވުމުގައި ފޮރުވިފައިވާ ޙިކުމަތް ތަކެއްވާ ކަމަށް ޢިލްމުވެރިންވިދާޅުވެއެވެ. އޭގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން އެއްތަނަކަށް އެއްވެ ﷲ ގެ ކަލިމަފުޅުމަތިވެރިކޮށް ﷲ ދެއްވި  ނިޢުމަތްތައް މަތިން ހަދާންކޮށް ތަކްބީރު ކިޔާ ދީނުގެ ޝިޢާރުތައް ފާޅުކުރުމާއި މުސްލިމުންގެ ދުޢާގައި ބައިވެރިވުން ހިމެނެއެވެ. ޢީދުނަމާދަށް ދިއުމަށް رسول الله صلى الله عليه وسلم ފިރިހެނުންގެ އިތުރަށް އަންހެނުންނަށްވެސް ބާރުއަޅުއްވާފައިވާއިރު އެކަބަލުންގެ ތެރޭގައި ތިއްބަވާ ޙައިޟްވެރިންވެސް ނަމާދުނުކުރިކަމުގައިވިޔަސް އެތަނަށްގޮސް އެއްފަރާތެއްގައި ތިބެ ހެޔޮކަންކަމުގައްޔާއި ދުޢާގައި ބައިވެރިވުމަށް ވަނީ އަންގަވާފައެވެ. ޙައިޟްވެރިޔާއަށް މިސްކިތުގައި މަޑުކުރުން ހުއްދަނުވާ އިރު މިފަދަބޮޑު ހެޔޮކަމެއްގައި އޭނައަށް ބައިވެރިވުމުގެ ފުރުޞަތު ހުސްބިމެއްގައި ކުރުމުން ލިބިގެންދެއެވެ. އަދި ޢީދުނަމާދަށްދާއިރު ލާނެ ޖިލްބާބެއް ނެތްނަމަ އެހެންބޭކަބަލެއްގެ އަތުން އަނބުރާ ދޭގޮތަށް ޖިލްބާބެއް ހޯދައިގެންވެސް ދިއުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
  • ޢުޛުރެއް ނެތް ނަމަ މިސްކިތުގެ ބަދަލުގައި ހުސްބިމެއް، މައިދާނެއްފަދަ ތަނެއްގައި ޢީދުނަމާދުކުރުމަކީ ސުންނަތްގޮތް ކަމަށް ކުރިއާއި ފަހުގެ މަޝްހޫރު ގިނަދަންނަބޭކަލުން ތަކެއްވިދާޅުވެފައިވުން.


وَاللهُ أَعْلَمُ بِالصَّوَابُ.